ބޭންކިންގް ދާއިރާއިން މީހުން ބިނާކުރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސް (އޭއައިސީބީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް އިން ސޮއިކޮށްފިއެވެ.
ރާއްޖޭގެ މާލީ ދާއިރާއަށް ބޭންކިންގް ޕްރޮފެޝަނަލުން ބިނާކުރުމަށް އެހީތެރިވުމަށް އޭއައިސީބީގެ ފަރާތުން ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގް ސޮއިކުރެއްވިއިރު ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު، މުހައްމަދު ޝަރީފްއެވެ.
ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ ބޭންކިން ދާއިރާއިން އުނގެނުމުގެ މަގުތައް ފުޅާކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމާއި، މުޅި އޯގަނައިޒޭޝަންގައި މެދުނުކެނޑި ހުނަރު ތަރައްގީކުރުމަށް އެހީތެރިވުންކަމަށެވެ.
މީގެއިތުރުން، ބޭންކުގެ ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓަށް އުފައްދާފައި ވާ ބީއެމްއެލް އެކެޑަމީއަކީ ޕްރޮފެޝަނަލުން ބިނާކުރުމަށް އުފައްދާފައި އެކެޑަމީއެއް ކަމުން ބޭންކިންގެ އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ތަރައްގީގެ ޕްރޮގްރާމްތައް ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރާނެކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
