މި މަހު އެކަނި މާލޭގައި 67 އެކްސިޑެންޓު ހިނގައިފިއެވެ.

ފުލުހުން ނެރުނު ތަފާސްހިސާބުން ހާމަވާ ގޮތުގައި ޖެނުއަރީ 4 އިން 10ގެ ނިޔަލަށް މާލެ، ބްރިޖު އަދި ހައިވޭގައި ޖުމުލަ 67 އެކްސިޑެންޓު ވަނީ ހިނގާފައެވެ. ފުލުހުން ބުނީ މާލޭގައި އެކަނި މި މުއްދަތުގައި 56 އެކްސިޑެންޓު ހިނގާފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެންމެ ގިނަ އަދަދެއްގެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ 6 ޖެނުއަރީގައި ކަމަށާއި، އެއީ 13 އެކްސިޑެންޓު ކަމަށެވެ. އަދި 7 ޖެނުއަރީގައި 12 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެންމެ ގިނައިން ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުވެ ސައިކަލާއި ސައިކަލެއް ނުވަތަ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ. މިފަދަ 19 އެކްސިޑެންޓެއް މި މަހު ހިނގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އާންމު ގޮތެއްގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވަނީ، ދުއްވަންޖެހޭ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ބަހައްޓަންޖެހޭ ދުރުމިން ދެއުޅަނދުގެ ދެމެދު ނުބަހައްޓާ ދުއްވުން ކަމަށެވެ.

އެއާއެކު ޓްރެފިކް ގަވައިދުތަކަށް ފަރުވާތެރިވުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.