ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026ގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނު (އީސީ)ން ކުރި އިއުލާނުގައި ބުނީ އޭޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާނަމަ އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އިންތިހާބުތަކާބެހޭ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް ޖަނަވަރީ 14 ވާ ބުދަ ދުވަހުން ފެށިގެން ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓަރީކުރުމަށް ވަނީ އެދިފައެވެ. 1414 ގެ ހިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް، ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 8:00 އަށްކަމަށް އީސީން ބުނެފައިވެއެވެ.

ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭ ގޮތަށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

އެގޮތުން އެންމެ ފުރަތަމަ ޓެމްޕްލޭޓް ބޭނުންކޮށްގެން އެފަދަ މީހުން ވޯޓުލާފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައެވެ. އޭގެފަހުން މަޖިލީސް އިންތިހާބުގައިވެސް ވޯޓުލާފައިވެއެވެ.

ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހުންނަ، ވޯޓު ކަރުދާހުގައި ވަގުތީ ގޮތުން ހަރުކޮށްގެން ލޯފަން މީހުންނަށް ވޯޓު ލެވޭ ގޮތަށް ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. މި ޓެމްޕްލޭޓަކީ އެތެރެ ފެންނާނެހެން ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ޑިވައިސެކެވެ.