މާލޭގައި ކެނަބިސް ގަސް ހައްދާ އަދި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލައިފިއެވެ.
މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ 2023 ވަނަ އަހަރުގެ މެއި މަހު ފުލުހުންނަށް ފެނުމުން ކުރި ތަހުގީގަކުން ވަނީ ގެއެއްގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުއްޓާ ފެނިފައެވެ.
ފުލުހުންގެ ތަހުގީގުން ވަނީ މިއީ ނ. ކެނދިކުޅުދޫ ނިޝާން، އަހުމަދު ޔާސިހު ނަމަކަށް ކިޔުނު މީހަކު ދިރިއުޅެމުން ދާތަނެއްކަމަށް ފާހަގަވެފައެވެ. ކޯޓުގައި ހެކިބަސް ދެމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ޔާސިހު ވަނީ އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި އަދި އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ ޔާސިހު ދިރިއުޅޭ ތަން ބަލާ ފާސްކުރި އިރު ކެނަބިސް ގަސްތަކެއްގެ އިތުރުން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައް ވެސް ފެނިފައިވާކަމަށެވެ.
އެއާއެކު ޔާސިހުގެ މައްޗަށް ފުލުހުން ވަނީ 4 ދައުވާއެއް އުފުލާފައެވެ. މި 4 ދައުވާވެސް ޔާސިހުގެ މައްޗަށް ސާބިތުވެފައިވާއިރު ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ. ޖަލު ހުކުމުގެ އިތުރުން އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއްވެސް ޔާސިހުގެ މައްޗަށް ކޯޓުން ވަނީ އިއްވާފައެވެ. ހުކުމް ކުރިއިރު ޔާސިހު ބަންދުގެ މުއްދަތުގައި 2 އަހަރު ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 98 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ގާޒީ ވަނީ ރާއްޖެއަކީ ކެނަބިސް ގަސް ލިބެން ހުންނަ ގައުމެއް ނޫންކަން ފާހަގަކޮށް އެތަކެތި އޭނާއަށް ލިބުނު ގޮތެއް ނުވަތަ ގެންގުޅުނު ބޭނުމެއް އޭނާއަށް ބުނެދެވިފައި ނުވާކަން ފާހަގަކޮށްފައެވެ. ދިފާއުގައި ޔާސިހުގެ ފަރާތުން ވަނީ އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެެއް ކަމަށް ބުނި ނަމަވެސް އެކަމާ ބެހޭ އެސެސްމެންޓް ހަދަން އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ.
