ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހަކު ކޯޓަށް ހާޒިރުކުރުމުން ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާކަމަށް ބުނެފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދު (23އ) އަދި ހ. ސަކީނާމަންޒިލް / މާލެ، މުހައްމަދު ރާއިދު އަލީ އަސްޣަރު (31އ) އެވެ.

އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މީހުންގެ ބަންދަށް ޖެހި 7 ދުވަސް ހަމަވުމާއެކު އަލުން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ރާއިދުގެ ފަރާތުން ވަނީ އޭނާއަކީ މަތީ ދަރަޖައަކަށް ނަފުސާނީ ބަލި ހުންނަ މީހެއް ކަމުގައި ބުނެފައެވެ. އިތުރަށް ރާއިދުގެ ފަރާތުން ވަނީ އޭނާގެ ބަލި ހާލަތަށް ބަލައިފައި ގޭބަންދަށް ބަދަލުކޮށްދިނުމަށްވެސް އެދިފައެވެ.

ނަމަވެސް ގާޒީ ވަނީ ބަންދުން ދޫކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ނިންމާފައެވެ. އެއާއެކު ގާޒީ ވަނީ ރާއިދުގެ އިތުރުން އީވާންވެސް 30 ދުވަަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.