ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އަންހެނުން ކޮށް އުޅުނު މަސައްކަތްތަކަށް ބަލާ އިރު، ރޯނު ވެށުން، ފަންގި ވިނުން، ތެޔޮ ހޭނުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އެ ޒަމާނުގައި މިފަދަ މަސައްކަތް ކޮށް އުޅުނީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމުގައި ވީ ނަމަވެސް މިހާރު މި ފަދަ މަސައްކަތްތަކަކީ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކެކެވެ.
ހުނަރުވެރި މީހުން މި މުޖުތަމައު ތެރެއިން ފެންނަމުން އައި ނަމަވެސް މިފަދަ މަސައްކަތް ކުރާ މީހުން މިހާރު ފެންނަލެއް މަދެވެ. އާންމުކޮށް މި މަސައްކަތް ކުރާ ތަން މިހާރު ފެންނަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް 'ދަ ޕްރެސް' އިން ގެނެސްދޭ "މީހުން" ސެގްމެންޓްގައި މިއަދު މި ހާއްސަކޮށްލަނީ ޓޫރިޒަމް ފުޅާ ވަމުން އަންނަ ކ. ދިއްފުށީގައި މިފަދަ މަސައްކަތްތަކުން އާމްދަނީ ހޯދަމުން އަންނަ ހީވާގި އަންހެނެކެވެ.
މި މަސައްކަތް ފެށިގޮތް ހިއްސާ ކުރަމުން ފަހީމާ ބުނީ އޭނާ މި މަސައްކަތް ފެށީ ފިރިމީހާ ނިޔާވުމުން އާމްދަނީ ހޯދުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި މަސައްކަތުން ނަފާ ހޯދަމުން އަންނަތާ 30 އަހަރުވެފައިވާ ކަމަށް ފަހީމާ ބުނެއެވެ.
އުމުރުުން 70ގެ އަހަރުތައް ގުނަމުން އަންނަ ފަހީމާ އަދިވެސް މި މަސައްކަތަށް ވަރަަށް ފަރިތައެވެ. ރޯނު ވެށުމަށާއި ފަންގި ވިނުމަށް ބޭނުންވާ ސަމާނު ރަށު ތެރެއިން ހޯދާ އިރު އޭނާގެ އުފެއްދުންތައް އެ ރަށުގެ މީހުން ވެސް ގަންނަ ކަމަށް ބުނެއެވެ. ބައެއް ފަހަރު ރިސޯޓްތަކުން ވެސް އޯޑަރު އަންނަ އިރު، އެ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް ފަހީމާގެ އުފެއްދުންތައް ގަނެއެވެ.
ރޯނު ވެށުމާއި ފަންގި ވިނުމަކީ އޭނާގެ މަންމަ ކުރި މަސައްކަތެއް ނޫނެވެ. ނަމަވެސް ބަޑުދައިތަމެން މި މަސައްކަތް ކޮށް އުޅުނު ކަމަށާއި އޭރު ބޮޑު ދައިތަމެން ކުރާ މަސައްކަތް ބަލައިގެން ބޮޑު ދައިތަ ކައިރިން މަސައްކަތް ކުރަން ދަސްކުރީ ކަމަށް އޭނާ ބުނެއެވެ.
ރޯނު ވެށުމާއި ފަންގިވިނުމުގެ އިތުރުން ފަހީމާ އަކީ ކާށި ތެޔޮ ހާނާ ވެސް މީހެކެވެ. އެ ގޮތުން ކާށި ތެޔޮ ހާނައިގެން ރަށުގައި ވިއްކާ އިރު، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އޭނާ އުފައްދާ ކާށި ތެޔޮ ގަންނަ ކަމަށް ފަހީމާ ބުނެއެވެ.
މިއިން އެއްވެސް މަސައްކަތަކީ ފަހީމާއަށް އުނދަގޫ މަސައްކަތެއް ނޫނެވެ. އުމުރުން އެހާ ދުވަސްވި އިރު ވެސް ފަހީމާއަކީ މަސައްކަތެއް ނުކޮށް ހުސްއަތާ ހުންނަން ބޭނުންވާ މީހެއް ނޫނެވެ. އޭނާގެ އުމުރު މި މަސައްކަތް ކުރުމުގައި ހޭދަ ކުރާ އިރު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުރެއްޖިއްޔާ މަސައްކަތް ކުރުން ހުއްޓާނުލާނެ ކަމަށް ފަހީމާ ބުނެއެވެ. ނަމަވެސް އެންމެ ދެރަވާ ކަމަކީ އަދުގެ ޒުވާނުންގެ ހިތްތަކުގައި މި މަސައްކަތް ކުރުމުގެ ޝައުގު ނެތުން ކަން ފަހީމާ ފާހަގަކުރެއެވެ.
ޒުވާނުން ނުވަތަ ސްކޫލް ނިންމާ އުމުރުގެ ކުދިން ގާތުގައި މި މަސައްކަތް ދަސްކުރަން އައުމަށް އެދުނަސް އެއިން ކުއްޖަކީ މި މަސައްކަތް ދަސްކުރަން ބޭނުންވާ ކުދިން ނޫން ކަމަށް ފަހީމާ ބުނެއެވެ. މި މަސައްކަތަކީ ކާބަފައިން ކޮށް އުޅުނު މަސައްކަތަކަށް ވެފައި މި ޒަމާނުގައި ވެސް މި މަސައްކަތަކީ ނަފާ ލިބޭ ރަނގަޅު މަސައްކަތެއް ކަމުގައި ފަހީމާ ފާހަގަކުރެއެވެ.
އޭނާ އަށް މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭ ކަން ފާހަގަ ކުރަމުން އޭނާ ބުނީ އޭނާގެ އުފެއްދުންތައް އެ ރަށާ އެންމެ ކައިރީގައި ހުންނަ މީރު އައިލެންޑް ރިސޯޓަށް ވެސް ވިއްކާ ކަމަށެވެ. ހަމައެއާއެކު ކ އަތޮޅުގެ ބައެއް ރަށްރަށުގެ ތެރެއިން ހުރާ، ހިންމަފުށި އަދި ތުލުސްދޫއަށް އޭނާ ވިޔާ ފަންބޮނޑި ވެސް ވިއްކައެވެ.
ތެޔޮ ހޭނުމުގެ މަސައްކަތް ވެސް އޭނާ ދަސްކުރީ ބޮޑު ދައިތަ ކައިރިން ކަމަށާއި އެއީ ވެސް އެހާ އުނދަގޫ މަސައްކަތެއް ނޫން ކަމަށް ފަހީމާ ބުނެއެވެ. ކުޑަ ތެޔޮ ކޮޅެއް ހަދަންޏާ އެއް ދުވަހުން ވެސް އެކަން ވާނެ ކަަމަށާއި ނަމަވެސް ގިނައިން ތެޔޮ ހަދާ ނަމަ ހުނި ފެލާފައި އެއް ދުވަހު ބައްޓާފައި ޖެހިގެން އަންނަ ދުވަހު ތެޔޮ ހާނަނީ ކަމަށް އޭނާ ބުނެއެވެ.
ރޯނު ވެށުމާއި ފަންގި ވިނުމުގެ މަސައްކަތް މިހާރު ކޮށް އުޅެނީ އާންމުކޮށް އުމުރުން ދުވަސްވީ މަދު ބައެއް ކަމަށް އޭނާ ބުނެއެވެ. އެ މަސައްކަތް ޒުވާނުން ދަސްކުރަން ބޭނުން ނުވާ ކަން ފާހަގަކޮށް ފަހީމާ ބުނީ، މިހާރު މަސައްކަތް ކުރާ މީހުން ހުއްޓާލައިފި ނަމަ މި މަސައްކަތް ކުރާނެ ޒުވާނުން ނުތިބޭނެއެވެ. އެހެންވެއްޖިއްޔާ ކުރިއަށް އޮތް މުސްތަގްބަލުގައި މި މަސައްކަތަކީ އުވިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް މަސައްކަތެކެވެ.
ނަމަވެސް ތެޔޮ ހޭނުމުގެ މަސައްކަތް ކުރާ އިތުރު މީހުން މިހާރު ވެސް އެ ރަށުތެރެއިން ފެންނަ ކަމަށާއި އެ މަސައްކަތް ކުރާ ބަޔަކު ފެންނަމުން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށް ފަހީމާ ބުނެއެވެ. ކާބަފައިންގެ ފަރާތުން މިއަދާ ހަމައަށް އައިސްފައިވާ މިފަދަ މަސައްކަތްތައް ނެތިގެން ދާ މަންޒަރު ފެންނާތީ އެކަމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެކެވެ. މިހާރު ވެސް މި މަސައްކަތް ދަސްކުރުމުގެ ނިޔަތުގައި އަންނަ ކޮންމެ މީހަކަށް ވެސް އެ މަސައްކަތް ދަސްކޮށް ދިނުމަށް ފަހީމާ ހުރީ ތައްޔާރަށެވެ. ބޭނުން ވަނީ މިފަދަ މަސައްކަތްތައް ދަސްކުރަން ބޭނުންވާ ހިތްވަރު ގަދަ، ވަރުގަދަ އަޒުމެއްގައި ތިބި ޒުވާނުންތަކެކެވެ.
