ފެބްރުއަރީ 5 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވައިފައިވުމާއެކު، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.

މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުން އޮންނައިރު މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ.