ތަރައްގީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ބުނާ ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ކައުންސިލުތަކުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީއަށް ދަތިވާ ކަމަށް އެމަނިކުފާނު އެރޭ ވިދާޅުވެފައި ވެއެވެ.

ރައީސްގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއް ކަމަށާއި 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަ ކޮށްފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނުކަން ފާހަގަކޮށް އެ ޕާޓީން އިތުރަށް ބުނީ، އެމްޑީޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖްލިސްއިން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަ ކަމަށެވެ.

"ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައި. މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބި. އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
އެމްޑީޕީ

ހަމަ އެހެންމެ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަން ފާހަގަ އެމްޑީޕީން އިތުރަށް ފާހަގަ ކުރި ކަންކަމަކީ:

  • މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފައިވާކަން
  • މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިފަހުން އަޅާފައިވުން

އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުން ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

އަދި އެބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގާނޫނާ ގަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުންވެސް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު ވަނީ މި ސަރުކާރަކީ ކައުންސިލުތައް ހިންގަން ފުރުސަތު ދޭނެ ސަރުކާރެއް ނޫންކަން ރައްޔިތުން މިހާރު ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ގަފޫރު ވިދާޅުވީ ކައުންސިލުގެ ބާރު މިހާރު ހިނގަނީ ކައުންސިލުގެ ގޭޓާ ހިސާބަށް ކަމަށާއި ސަރުކާރުން ބޭނުން ކޮންމެ ވަގުތެއްގައި ކައުންސިލުތަކުގެ ބިންތައް ބޭނުން ގޮތަކަށް، ބޭނުން ބަޔަކަށް ދޫކޮށްލެވޭ ގޮތް ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.