އީރާނުގައި މީގެ 15 ވަރަކަށް ދުވަސް ފެށި މުޒަހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ އެތައްބަޔަކު މަރުވެފައި ވާއިރު، އީރާނަށް ހަމަލާ ދޭން ތައްޔާރުވާ ކަމުގެ އިންޒާރު ޓްރަމްޕް އާ ކުރައްވައިފިއެވެ.
އެއާފޯސް ވަން ގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހާލަތު ގާތުން ބަލަމުން ދާ ކަމަށާއި ހަމަލާ ދިނުމަށް "ސީރިއަސް" ކޮށް ރޭވެމުން ދާ ކަމަށެވެ.
އެކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން އަންދާޒާތައް ހަދަމުން ދާ ކަމަށާއި، ގޮތެއް ނިންމާނެ ކަމަށެވެ.
އެއާއެކު ޓްރަމްޕް ވަނީ، ހަމަލާ ދޭނެ ކަމަށް ވިދާޅުވުން އީރާނުން މަޝްވަރާއަށް ބޭނުންވާ ކަމަށް ބުނެފައި ވާކަންވެސް ހާމަ ކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމަށް ތައްޔާރު ވަމުން ވެސް ދާ ކަމަށާއި ނަމަވެސް ބައްދަލުވުމުގެ ކުރިންވެސް އީރާނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
ޓްރަމްޕްގެ މި އިންޒާރު އައީ، އެމެރިކާއިން ހަމަލާ ދޭނެ ކަމަށް މީގެ ކުރިންވެސް ބުނެފައި ވުމާއެކު ރައްދު ދެއްވައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާން މުހައްމަދު ބާގިރު ގަލިބަފް ދެއްކެވި ވާހަކަ އާ ގުޅިގެންނެވެ.
ގަލިބަފް ވިދާޅުވީ އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ، އިޒްރޭލާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ މަރުކަޒުތަކަކީ އީރާނުގެ އަމާޒުތަކަށް ހަދާނެ ކަމަށެވެ.
ހުސްވި ޑިސެމްބަރު 28 ވަނަ ދުވަހު އީރާނުގެ ފެށި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، އީރާނުގެ ސިޓީތަކާއި ސަރަހައްދުތައް ހިމެނޭ ގޮތަށް ޖުމްލަ 100 ތަނެއްގައި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 544 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށާއި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރާ ސަލާމަތީ ބާރުތަކުގެ މެންބަރުގެ ތެރެއިން 109 މީހަކު މަރުވެފައި ވާކަމަށް ހަބަރުތަކުން ބުނެއެވެ.
މުޅި އީރާނުގައި އިންޓަނެޓްގެ ހިދުމަތް މެދުކެނޑި، މުވާސަލާތީ ހިދުމަތްތަކަށް ބުރޫއަރާފައި ވުމުގެ ސަބަބުން ފުރިހަމަ ރިޕޯޓުތައް ގެނެސްދިނުމުގައި ބޭރުގެ މީޑިއާތަކަށް ދަތިތަކާ ކުރިމަތިވެފައި ވާ ކަމަށް ވެސް އެ މީޑިއާތަކުގައި ދަނީ ރިޕޯޓު ކުރަމުންނެވެ.
އޮފިޝަލުންނާ އީރާނުގެ ނިއުސް އެޖެންސީތަކުން ބުނެފައި ވަނީ، ހަމަނުޖެހުންތައް ހިންގަނީ އެމެރިކާ އާއ އިޒްރޭލުގެ ސްޕޮންސަރުން ކަމަށާއި، އަމިއްލަ ގައުމުގެ މުދަލާއި ވަސީލަތްތަކުގައި ހުޅުޖަހާ ގެއްލުންދޭ ބަޔަކު ދޫކޮށްނުލާނެ ކަމަށެވެ.
އީރާނު ސަރުކާރާ ދެކޮޅަށް އީރާނުގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި އިހުތިޖާޖުތައް ހިނގަމުން އެބަދެއެވެ. އެގޮތުން އެމެރިކާގެ ލޮސްއެންޖަލިސްގައި އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ކޮށްފައި ވާ އިރު ލަންޑަންގައި ހުންނަ އީރާނު އެމްބަސީގެ ދިދަ ދަމައިގެން ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.
އީރާނުގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަ ވެފައި ވަނިކޮށް އީރާނުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް މަގުތަކަށް މިހާރު ވަނީ ނިކުމެފައެވެ.
އެގޮތުން ބައެއް ސިޓީތަކުގެ މަގުތަކަށް މީހުން ޖަމާވެ މިހާރުގެ ސަރުކާރާއި ރޫހީ ލީޑަރަށް ތާއީދުކޮށް ދަނީ އަޑުއުފުލަމުންނެވެ.
