ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކްއިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ އެމްޓީސީސީން ފުލް ޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރައިވަރުން ހޯދުމަށް އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އޭރު ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކުރިއިރު ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ހުޅުވާލިއެވެ. ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ.

އޭގެ އިތުރުން އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުން ހޯދުމަށް ވޯކްއިން އިންޓަވިއުއެއް ބޭއްްވުމަށް ނިންމާފައިވާ ކަމަށެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 18:00އާ ހަމައަށް، މާލޭގައި އިންޑަސްޓްރިއަލް ވިލޭޖު ސަރަހައްދުގައި ހުންނަ މާފަންނު ބަސް ޓާމިނަލުގައެވެ.

ހުސްވި އަހަރުގެ ޖުލައި މަހުގެ ތަރޭގައި ހިދުމަތް ދިނުމަށް ކުރިން ނިންމާފައިވާ ޓެކްސީގެ ހިދުމަތް އަދިވެސް ފެށޭ ގޮތް ވަނީ ނުވެފައެވެ.

ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދައި، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދާފައިވާކަމަށާއި އެ ފަރާތަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަހްމަދު ސައުދީ ވަނީ ވިދާޅުވެފައެެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން މި ހިދުމަތް ފަށާއިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.