މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ހައްޔަރު ކުރި 4 މީޙުންގެ ތެރެއިން 3 މީހުން ޝަރީއަތް ނިމެން ދެން ބަންދު ކުރަން އަމުރު ކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން މިއަދު ވަނީ މާލެ އާއި ގއ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާަފއެވެ. މި އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފަިއވާ އިރު މިހާރު ފުލުހުން ވަނީ މި މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހް ލަތީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހްމަދު މަދީހު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހް އާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރަމުން ދާ ކަަމަށް ފުލުހުން ބުނެއެވެ.
އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ ހަރަކާތެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގަތައް ހުއްޓުވައި މުޅުން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ.
