ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހޯއްދަވާފައިވާ ކާމިޔާބީތަކާއި ހަގީގަތްތައް އޮޅުވާލައި، ކުރިއަށް އޮތް ސިޓީ ކައުންސިލްގެ އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަމަށް މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން "ނުއަގުގައި ދިނުމުން ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން" ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އާޒިމް މިފަދައިން ވިދާޅުވީ މީގެ ދެދުވަސް ކުރިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ އަރީޝް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހޭދަކުރެއްވި 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައި ނުވާކަމަށެވެ. އަދި ނުގަވާއިދުން އެއްވެސް ފަރާތަކަށް ބިމެއް ކުއްޔަށް ދެއްވާފައިނުވާކަން ކައުންސިލްގެ ރެކޯޑުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަރީޝް ވިދާޅުވި ގޮތުގައި، ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދައުރަކީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް އިންގިލާބީ ގޮތެއްގައި ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ދުވަސްވަރެކެވެ. މީގެ އިތުރުން، ސިޓީގެ ރައްޔިތުންގެ މެދުގައި ދީނީ އަދި އިޖްތިމާއީ ރޫހު އާލާކޮށް، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ސީދާ ރައްޔިތުން އެދޭ ގޮތަށް ސިޓީގެ މިސްރާބު ބައްޓަން ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ފެންނަން ހުރި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، މޭޔަރުކަމުގެ ކެމްޕޭނުގެ ތެރޭގައި ބައެއް ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާ ކަމަށް އަރީޝް ވިދާޅުވިއެވެ. ވަކި ބަޔަކު މޭޔަރުކަމަށް އައުމަށްފަހު ކުރާނެ ކަމަކީ ކޯޓުތަކަށް ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކައި، "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގުން ކަމަށް ސިފަވާ ގޮތަށް ވާހަކަ ދެއްކުމަކީ، އެއްވެސް އަމާޒެއް ނެތް ދަށުދަރަޖައިގެ ކެމްޕޭނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކަމަށް ވެސް އަރީޝް ވިދާޅުިވިއެވެ.
ލޯކަލް ކައުންސިލްތަކުގެ މަގްސަދާ ބެހޭގޮތުން ވާހަކަދައްކަވަމުން އަރީޝް ވިދާޅުވީ، ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް، ސިޔާސީ ގޮތުން ޖަދަލުކުރަން ގާނޫނީ ގޮތުން އުފައްދާފައިވާ އިދާރާތަކެއް ނޫން ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރަން އެދޭ ފަރާތްތަކުން ދައްކަންވީ، ސިޓީގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކައާއި، ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަކަމަށް ކުރާ ޕްލޭންތަކުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ބިނާކުރަނިވި ވާހަކަތައް ދެއްކޭނީ ރައީސް ޑރ. މުއިއްޒު މޭޔަރުކަމުގައި ދެއްކެވި ހީވާގި، ދުރުވިސްނޭ އަދި މަޝްވަރާގެ އުސޫލުތައް ނަމޫނާއަކަށް ބަލައިގެން ކަމަށާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި، ހިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ މާލެ ފަދަ ޝަރަފުވެރި ސިޓީއެއްގެ މޭޔަރުކަމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުރެގެންވާނެ ސިފަތަކެއް ނޫންކަމަށް އާންމުން ވެސް ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
