ވިޔަފާރިތަކުގެ އަޑު އެހުމަށް ޑައިލޮގް ގޮތަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި އެފަދަ ބައްދަލުވުންތަކެއް ބާއްވަމުން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ، ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދައްކައި ސީދާ މައްސަލަތައް ދެނެގަނެގެން ކަމަށެވެ. އެހެންކަމުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓް ސެލާ އެވޯޑު 10 ފަރާތަކަށް ދީފައެވެ. ރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި އިފްތިތާހު ކުރި ހާއްސަ މަރުކާއަކީ ދިވެހި އުފެއްދުންތެރިންނަށް އާރޯކަމާ އުޖާލާކަން ގެނުވަދިން ހާއްސަ މަރުކާއެކެވެ.

އޮތެންޓިކް މޯލްޑިވްސްއަށް 6 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު، މި މަރުކާ ވެގެންގޮސްފައި ވަނީ ރާއްޖޭގެ ފަންނުވެރިންނާއި، ކުދި ވިޔަފާރިތަކާއި، މަސައްކަތްތެރިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބާޒާރުތަކާ ގުޅުވައިދޭ އިތުބާރު ހުރި މަންސައަކަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާއިރު، ނިމުނު އަހަރަކީ މި މަރުކާގެ ދަށުން އިތުރު މޭލުގާތަކެއް ކަޑައްތުކުރެވުނު އަހަރެކެވެ. 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްއަށް ހާސިލްވި އެންމެ ބޮޑު އެއްކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެނީ، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ސަޕްލަޔަރުންނަށް ދުނިޔޭގެ މަޝްހޫރު އީ ކޮމާސް ޕްލެޓްފޯމް، އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުޞަޠު ފަހިކޮށްދެވުމެވެ.

މިއަދު އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންގެ ގޮތުގައި 407 ވިޔަފާރިއަކުން ރަޖިސްޓާ ވެފައި ވެއެވެ. މީގެ ތެރެއިން 49 ވިޔަފާރިއަކީ ނިމުނު 2025 ވަނަ އަހަރު އަލަށް ރަޖިސްޓަރީވި ވިޔަފާރިތަކެވެ. އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް 2024 ވަނަ އަހަރު 26.4 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި 2025 ވަނަ އަހަރު މި އަދަދު އިތުރުވެ ސަޕްލަޔަރުންނަށް 31.1 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

މީގެއިތުރުން، އޯތެންޓިކް މޯލްޑިވްސްއަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި އޮތް ގޮންޖެހުމަށް ލުއި ހޯދަ ދިނުމުގެގޮތުން، އެ ފަރާތްތަކަށް ދޫކުރާ ފައިސާގެ މިންވަރެއް ޑޮލަރުން ދޫކުރުމަށް ފާއިތުވި އަހަރު ނިންމި މުހިންމު ނިންމުމާއެކު، ދިވެހި އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް ބޭރުން އެތެރެކުރާ މުދަލާއި ހިދުމަތަށް ޑޮލަރުން ކުރަމުން އަންނަ މުއާމަލާތްތައް ކުރުމުގައި ގިނަ ފަސޭތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

އޮތެންޓިކް މޯލްޑްވްސްގެ މި ކާމިޔާބު ދަތުރާއެކު، މި މަރުކާ ވެގެންގޮސްފައިވަނީ އާމްދަނީގެ ފުރުސަތުތައް ހޯދައިދީ، އައު އީޖާދުތަކަށް ހިތްވަރުދީ، އަދި ސަގާފީ މަސައްކަތްތެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫއަކަށެވެ.