ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރެވެންދެން ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ، ކޫރިއާ ސާވިސް ދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެންނެވެ.

ހުސައިން ވިދާޅުވީ، ވައިގެ މަގުން ގެންނަ ތަކެތި ކްލިއާކުރުން ލަސްވެ ވިޔަފާރިއަށް ގެއްލުންވާ ކަމަށެވެ. އެއާޕޯޓުގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށް ކަމަށާއި އެ ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ އިންތިޒާމު ނެތް ކަމަށެވެ. އެކަން އެހެން އޮތް އިރު ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ އެ ވަގުތުގެ ތެރޭގައި ކްލިއާ ނުކުރެވުމުން ޑެމަރޭޖްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަން ހުސައިން ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޑެމަރޭޖަރަށް އެއް މިލިއަން ރުިފޔާ އޭނާ ދެއްކި ކަމަށް ވިދާޅުވިއެވެ. މުދާ ކްލިއާ ކުރުން އަވަސްކުރަން ކޫރިއާ އެޖެންޓުންނަށް ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލަން އެމްއޭސީއެލްއާ ވާހަކަ ވެސް ދައްކާފައި ވާނެ ކަމަށާއި އެކަން ހައްލު ނުވާތީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހަށް ކޮޕީ ކޮށްފައި އެތައް ފަހަރަކު ޝަކުވާ ހުށަހަޅާފައިވާނެ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

ކޫރިއާ ސާވިސް ދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވާހަކަ ދައްކަވަނީ

ހުސައިންގެ ފަރާތުން ހުށަހެޅި ޝަކުވާއަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރު އޮތް އޮތުން 124 ގަޑިއިރަށް އިތުރު ކުރައްވާ އެކަން ރައީސް އިއުލާން ކުރެއްވިއެވެ.

މުދާ ކްލީއާ ކުރުމުގައި އެހާ ބޮޑު ލަސްކަމެއް އުޅެނީ ކަސްޓަމްސްގެ ހިދުމަތް ދޭ ވަގުތު ވެސް ކުޑަވުމުން ކަން ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު 18 ގަޑިއިރު ކަސްޓަމްސް އިން ހިދުމަތް ދެމުން އައި ނަމަވެސް ދެން އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.