ލޯކަލް ކައުންސިލްތަކަކީ ގާނޫނީގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ކަމަށާއި ކައުންސިލް މެންބަރުންނަކީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުން ހޮވާފައި ތިބޭ މަންދޫބުންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރަށް އެއްބާރުލުންދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކެނޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި އަހަރަކީ އުމްރާނީ ތަރައްގީގެ ރޮނގުން ވަރަށް މުހިންމު އަހަރެއް ކަމަށެވެ. ބޯހިޔާވަހިކަމާއި ސިއްހަތާއި ތައުލީމާއި އިގްތިސޯދީ ރޮނގުންވެސް މުހިއްމު މަސައްްކަތްތަކެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށާއި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އެއްބާރުލުން ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަކީ ގާނޫނީގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭންކުރާކަމަށްވާނަމަ އެއީ ފުރަތަމަވެސް ނުބައި ސިގްނަލެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިއީ ރައްޔިތުން ވިސްނަންޖެހޭ ސިގްނަލެއް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވާނީ ކޮން ބައެއްކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 3 ބާރު ވަކިވެފައި އޮތް ވެރިކަމެއްގައި ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަައުންސިލް މެންބަރުންނަކީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުން ހޮވާފައި ތިބޭ މަންދޫބުންތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ކައުންސިލްގެ އެއްބާރުލުން ސަރުކާރަށް ނުލިބުމާ ގުޅިގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލް އިންތިހާބަށްފަހު ބާރު ސްޕީޑުގައި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ. އެކަން އެގޮތަށް ކުރެވޭނީ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލް މެންބަރުންގެ އެއްބާރުލުން ސަރުކާރަށް ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.
