ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާޓީ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
ޕީއެންސީގެ އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ކޮންގްރެސްގެ އޮފީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ މެންބަރުންނާއި ޕާޓީގެ ހަރަކާތްތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މިރޭ ހުޅުވި އޮފީސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
އެ އޮފީސް ބޭނުން ކުރެވިގެންދާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރު ކަމާއެކު ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ އެއް ވަސީލަތެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޮފީހުގެ ޖާގަ އިތުރުކުރުމަށްފަހު ޕީއެންސީގެ އޮފީސް ހުޅުވާފައި ވާއިރު، ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ޕާޓީގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭކަން ފާހަގަކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި ޖުމްލަ 74,048 މެންބަރުން އެބަ ތިއްބެވެ. މީގެއިތުރުން އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 6 މަހުގެ ތެރޭގައި ޕީއެންސީއަށް ވަނީ 5،000 އަށްވުރެ ގިނަ މެންބަރުން އިތުރުވެފައެވެ.
