ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ސަރުކާރުގެ ގެޒެޓު އަދި އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށެވެ.
އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް، ޖެނުއަރީ 18، 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.
އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ މައުލޫމާތު ދީފައެވެ.
އީސީން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މިއަަހަރުގެ އިންތިހާބުގައި 294،937 މީހަކަށް ވޯޓުލެވޭއިރު އޭގެ ތެރޭގައި 144،527 އަންހެނުންނާއި 150،410 ފިރިހެނުން ހިމެނެއެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އިންތިހާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހުޅުވާލާފައެވެ.
