ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. އެއާއެކު އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށްް ރަމީލާ އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަމީލާގެ ނަން ފޮނުއްވާފައި ވާއިރު، އެކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް އިއްޔެ ދައުރުން ބޭއްވި ޖަލްސާގައި ވަނީ ފޮނުވާފައެވެ.

އަދި ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ރަމީލާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ.

މި ސަރުކާރުގެ ފުރަތަމަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ޑިސެމްބަރު 1، 2024 ގައެވެ.

އެޗްއާރުސީއެމްގައި މި ވަގުތު ތިއްބެވި 5 މެންބަރުންނަކީ އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބު، އިސްމާއިލް ހަބީބު، އަހްމަދު މަގުސޫމް އަދި ޑރ. އާއިޝަތު ރަމީލާއެވެ.