އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއަކުން ފައިސާ ހޯދަން ހުށަހަޅާފައިވާތީ، އެ ދެ މީޑިއާއަށް ފައިސާ ދިނުން މަޑުޖައްސާލާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއްކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ 41 މީޑިއާގެ ތެރޭގައި އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ފާހަގަކުރެވިގެން އެ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިކަން ހައްލުކޮށް ނިމެންދެން އެ ފައިސާ ހޯލްޑްކޮށްފައި ބެހެއްޓުމަށް ޔޫތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ. ނަމަވެސް، ބާކީ 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު މީޑިއަށް ދޭ އެހީތެރިކަން ލިބިގެން ދާނީ 40 އެޕްލިކޭޝަނަށްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއަކީ "އެމްވީ ޕްލަސް" އަދި "ކޯޕަރޭޓް މޯލްޑިވްސް މެގަޒިން" އެވެ. އެމްވީ ޕްލަސްއަށް 684،000 ރުފިޔާ ލިބޭކަމަށް އޮތް އިރު ކޯޕަރޭޓް މޯލްޑިވްސް މެގަޒިން އަށް 690،000 ރުފިޔާ ލިބޭކަމަށް ލިސްޓުގައި އެބައޮތެވެ.
