މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެންކާ ބްލޮކް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެންކާ ބްލޮކް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަގުގެ އިމާރާތް ހުރި ފަޅީގެ ކާބްސްޓޯން އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ 85 ޕަސެންޓް ނިމިފައި ކަަމަށާއި އާ ވޭސްޓް ވޯޓާ ލައިންތައް އިންސްޓޯލް ކުރުމުގެ 45 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ކޭބަލް ޖަންކްޝަންގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫހަ ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ވަނީ ހަަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެއީ އެއް ނަންބަރު ޖެޓީއިން ފެށިގެން އެމްއެމްއޭ އާ ދެމެދުގައިވާ ސަރަހައްދެވެ.

އެ މަސައްކަތް ނިމުމަށް ފަހު މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި ވަނީ ލޯކަލް މާރުކޭޓާ ދިމާއަށް އޮތް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.