އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ 'މައިލޯ' އަށް ނިސްބަތްވާ ފަސް މީހެކެވެ.

  1. އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ
  2. ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
  3. އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
  4. ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
  5. އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ

ފުލުހުން ބުނީ މި 5 މީހުންގެ ތެރެއިން ނަދީމު، ހާފިޒް އަދި ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަލްފާފާއި އަމީންގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24 ގައި ކޯޓަށް ހާޒިރުކުުރުމުން ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނަދީމްގެ ބަންދުގެ އަމުރާއި ގުޅިގެން އޭނާގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެންމެ ފުރަތަމަ ކޯޓުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެ މައްސަލަ މިހާރު ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ވަނީ ބާއްވާފައެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި އޮޕަރޭޝަންގައި ނަދީމްގެ އިތުރުން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ބައެއް ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.