ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާއަށް ތާވަލްކޮށްފައިވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ.
މި ޖަލްސާގައި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށާއި އެ 3 ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ތަވާލުކޮށްފައެވެ.
އެ 3 ބިލަކީ:
- އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހަޅުއްވާފަައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ހިއުމަންސް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން މި ޖަލްސާގައި ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓުގެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅުމަށް ވެސް މާދަމާގެ ޖަލްސާގައި ތާވަލުކޮށްފައިވެއެވެ. އަދި އެ ބިލަށް ވޯޓަށް އެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ 3 ދައުރުގެ ޖަލްސާތައް ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ޖަލްސާތައް ދެން ރަސްމީކޮށް ފެށޭނީ އައަންނަ މަހުއެވެ.
