ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވެއްޖެއެވެ.

ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެ ބައްސާމަށް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް އިއްވާފައިވާއިރު، ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމަށް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވި ވެގެންނެވެ.

މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ މައްޗަށް މި ދައުވާތައް ސާބިތުވާކަމަށް ނިންމެވީ އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް 15.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ލިބުނު ކަމަށް ވައުޗާތަކެއް ހުރި ނަމަވެސް އެއީ ސައްހަ ވައުޗާތަކެއް ކަން ޔަގީން ނުވުމުގެ އިތުރުން ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށް ބުނެއެވެ.

ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެން ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލްގެ އިތުރުން ހަސަން ވަހީދަށްވެސް މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ހަސަން ވަހީދުގެ ވަކީލަކު ނެތުމާއި ގުޅިގެން ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރުމަށް ގާޒީ ވަނީ މިއަދު ނިންމަވާފައެވެ.