އިގްތިސޯދީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ އީރާނުގައި ދިރިއުޅުމުގެ އަގުތައް މަތިވެގެން އާންމު ރައްޔިތުން ކުރަމުން ދާ މުޒާހަރާތަކުގައި އިތުރު މީހުން މަރާނަމަ، ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނުގެ މުޒާހަރާތައް ހުއްޓުމެއް ނެތި ހަފްތާއަކަށް ދިގުލައިގެން ގޮސްފައި ވާ އިރު، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަލުންތަކުގައި މިހާތަނަށް 10 މީހަކު މަރުވެފައި ވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އީރާނުގެ އެތައް ސިޓީއެއްގައި މުޒާހަރާ ކުރިއަށް ދާއިރު ވެރިރަށް ތެހެރާނުގެ އާންމު ވިޔަފާރިވެރިން މަގުތަކަށް ނިކުތީ، އަގުތައް މަތިވެގެން ދިޔުމާއި ގައުމުގެ އިތުތިސޯދު ވަޅުޖަހަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.
އީރާނުން ތުހުމަތު ކުރަނީ، އެ މުޒާހަރާތަކަކީ، އެމެރިކާ އާއި އިޒްރޭލުން ސްޕޮންސާ ކޮށްގެން ހިންގާ މުޒާހަރާތަކެއް ކަމަށާއި އެއީ އީރާނުގެ ވެރިކަން ވައްޓާލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
ޓްރަމްޕްގެ އިންޒާރަށް ރައްދު ދެއްވަމުން، އުމުރުފުޅުން 86 އަހަރުގެ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ، 'ހަމަނުޖެހުން ހިންގާ މީހުން ހައްގު މަގާމަށް' ދާން ޖެހޭނެ ކަމަށެވެ. އޭނާ އެ ވިދާޅުވާ ހައްގު މަގާމަކީ ކޮބައިކަމެއް ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ.
އެމެރިކާގެ ބިރުދެއްކުން ކުށްވެރި ކުރުމަށް ގޮވާލައި އީރާނުން ވަނީ އދ އަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.
އީރާނުގައި މިހާރު ކުރިއަށް ދާ މުޒާހަރާތަކަކީ، ބުރުގާ އެޅި ގޮތުގެ މައްސަލައެއްގައި 2022 ވަނަ އަހަރު ޒުވާން ޖިންސުއްލަތީފެއް ކަމަށްވާ 22 އަހަރުގެ މާޝާ އަމީނީ ގެ މަރާއެކު އެގައުމުގައި އުފެދިގެން ދިޔަ ހަމަނުޖެހުންތަކަށް ފަހު ހިނގަމުންދާ އެންމެ ބޮޑު މުޒާހަރާއެވެ.
މާޝާ އަމީނީ އޭރު މަރުވީ ސަލާމަތީ އޮފިޝަލުން އޭނާ ހައްޔަރުކޮށް ކުރިއަނިޔާގެ ސަބަބުންކަން އޮތީ ފަޅާއަރާފައެވެ.
ހާމަނާއީ ވިދާޅުވީ، މުޒާހަރާ ކުރާ ފަރާތްތަކާއި ސަރުކާރުގެ އޮފިޝަލުން ވާހަކަ ދައްކަން ވާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ދުޝްމަނުން [އެމެރިކާ އާއި އިޒްރޭލުން] ވިފަރާރިވެރިން ސްޕޮންސާ ކޮށްގެން އިސްލާމްދީނާ ދެކޮޅު ޝުއޫރުތައް ފާޅު ކުރުވަނީ ކަމަށާއި އެންމެ ބޮޑު ގޯހަކީ އެއީ ކަމަށެވެ. އަދި އެމެރިކާއަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ، 'އެމެރިކާ ޖެހޭނީ ސަރަހައްދު [މެދުއިރުމަތި] ދޫކޮށް ދާން" ކަމަށެވެ.
އީރާނުގެ މި ހާލަތާ އެކު އެމެރިކާއިން އިންޒާރުގެ ވާހަކަތައް އާކޮށްފައި ވާ އިރު، މީގެ ކުރިންވެސް އެމެރިކާއިން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ އެގައުމުގެ ނިއުކްލިއާ ވިއުގަ ހަލާކު ކޮށްލާފައެވެ. އެ ހަމަލާތައް ދިނުމުގައި އިޒްރޭލުގެ ދައުރު ފުޅާކޮށް އެމެރިކާއިން ހިންގި ޖަރިމާއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވަނީ އިތުރު އިންޒާރެއް ވެސް ދެއްވާފައެވެ. ވިދާޅުވެފައި ވަނީ، އީރާނުން ބެލެސްޓިކް މިސައިލެއް ހަދައިފި ނަމަ އިޒްރޭލުން އީރާނަށް ހަމަލާ ދޭނެ ކަމަށާއި އެކަމުގައި އެމެރިކާއިން އިޒްރޭލަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ހަލާކު ކޮށްލި ނިއުކްލިއާ ކާރުހަނާތައް މަރާމާތުކޮށް އަލުން އެމަސައްކަތް ކުރަން އީރާނުން މަސައްކަތް ކުރާކަމަށް އިވިވަޑައިގެންފައި ވާ ކަމަށާއި އެކަން އަލުން ކޮށްފި ނަމަ ދެވަނަ ފަހަރަށް 'ފުނޑާލާނެ' ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އީރާނަކީ އެމެރިކާއިން ފުހެލަން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާ އިން ދެކެނީ މެދުއިރުމަތީގައި އިޒްރޭލަށް ހަމަޖެހިލައިގެން އޮތުމުގެ ހުރަހަކީ އީރާނު ކަމަށެވެ. އިޒްރޭލުން ވެސް ބުނަމުންދަނީ އެގޮތަށެވެ.
