އެއްވެސް ރައްޔިތަކު ބާކީނުވާނެހެން ކަންކަން ހަމަޖެހިފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ބްރެއިލް ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ބްރެއިލް ދުވަހު ފާހަގަކުރަނީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ބްރެއިލްގެ ސަބަބުން ހުޅުވައިދޭ އުނގެނުމުގެ ދޮރުތަކާއި ބްރެއިލްއިން އަދާކުރާ މުހިންމު ދައުރު ކަމަށެވެ. ބްރެއިލްގެ ސަބަބުން އިލްމު އުނގެނި، އަމިއްލަ ފައިމައްޗަށްތެދުވެ އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ލިބިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަގީގީ މާނައިގައި އެންމެން ހިމެނޭ ޝާމިލު މުޖުތަމައަކީ އެއްވެސް ހުރަހެއްނެތި މައުލޫމާތުގެ ފުރުސަތުތައް އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބިދެވޭ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޒުމަކީ އޯގާތެރިކަމުގެ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކުގައި އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައެއް ގާއިމްކުރުން ކަމަށެވެ. އެންމެންގެ ބައިވެރިވުން އޮންނަ އަދި އެއްވެސް މީހަކު ބާކީނުވާނެހެން ކަންކަމަށް ވާސިލުވުމުގެ މަގު ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ކުރައްވާ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.