ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެތި ސްމަގްލް ކުރާ ކަމުގެ ތުހުމަތާއި އެކަމުގައި ވެނެޒުއޭލާގެ ރައީސް ނިކޮލަށް މަޑޫރޫ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޑޫރޯ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފިއެވެ.

ނިއުލޭންޑްގުގެ ކަރަކަސްގައި ހުންނަ މަޑޫރޯގެ ކަނޑުވަރަށް ދަންވަރުގެ ވަގުތުގައި އެމެރިކާގެ ޑެލްޓާ ފޯސް ސިފައިން މަތިން ފައިބާ، މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ވަގަށް ނަގައިގެން ގެންދިޔުން، އެއީ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވިދާޅުވީ، މަޑޫރޯއާހުރެ އެމެރިކާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި ވާ ކަމަށެވެ. އެހެން ކަމުން އޭނާ ހިފާ ހައްޔަރު ކުރުމަކީ ޖާއިޒު ކަމެއް ކަމަށާއި އޭނާގެ މައްޗަށް އެމެރިކާގެ ނިއުޔޯކުގައި ޝަރީއަތް ހިންގާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ބޭނުން ކޮށްގެން އެމެރިކާ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމގެ ދައުވާ އާއި، އެމެރިކާއަށް ކޮކެއިން އެތެރެ ކުރަން އުޅުމުގެ ދައުވާ އާއި، މަޑޫރޯ އަތްޕުޅުގައި މެޝިންގަނާއި ގެއްލުންދޭ ހަތިޔާރު ބެހެއްޓެވުމުގެ ދައުވާއާއި، އެމެރިކާ އާ ދެކޮޅަށް އެތަކެތި ބޭނުން ކުރައްވަން އުޅުއްވުމުގެ ދައުވާ ކުރާނެ ކަމަށެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާއަށް އާ ރައީސަކު ކަނޑައެޅެންދެން އެގައުމު ހިންގާނީ އެމެރިކާއިން ކަމަށާއި، އެގައުމުގެ ތެލުގެ މުއްސަނދި ކަމުގެ ކޮންޓްރޯލްވެސް އެމެރިކާއިން ނަގާނެ ކަމަށެވެ.

މަޑޫރޯ ހައްުޔަރު ކުރުމުގެ އޮޕަރޭޝަން ހިނގަމުން ދިޔަ މަންޒަރު، ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގަނޑުވަރުގައި އިންނަވައިގެން ބައްލަވަނީ / ފޮޓޯ: ޓަރަމްޕް

ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ ތެލުގެ ރިޒާވްގެ އެންމެ ބޮޑު އަދަދެއް އޮންނަނީ ވެނެޒުއޭލާގައެވެ. އެގައުމުގައި ގާތްގަނޑަކަށް 330 ބިލިއަން ފީފާގެ ތެލުގެ ރިޒާވެއް އޮތް ކަމަށް ތެލުގެ މިންވަރުތައް ދެނެގަންނަ އިދާރާތަކުން ބުނެއެވެ.

މަޑޫރޯ ވަގަށް ނަގައިގެން ގެންގޮސް މިހާރު އޭނާ ބައިންދަވާފައި އިންނެވީ ބްރޫކްލީންގެ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ.

މަޑޫރޯ ހައްޔަރު ކުރުމުން ވެރިކަން ކުރާ އެމެރިކާގެ ރިޕަބްލިކަނުން ޓްރަމްޕަށް ތާއީދު ކުރަމުން ގެންދާއިރު، ޑިމޮކްރެޓުން ބުނެފައި ވަނީ އެއީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކާ މުޅިން ހިލާފު އަމަލެއް ކަމަށާއި، އެހެން ގައުމެއްގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

ނަމަވެސް ޓްރަމްޕްގެ ޓީމުން ބަލަނީ މަޑޫރޯ އަކީ އިންތިހާބުވި ރައީސެއް ނޫން ކަމަށާއި އެއީ 'ޓެރަރިސްޓް' އެއްގެ ގޮތުގައެވެ. މަޑޫރޯ ހައްޔަރު ކުރުމުން ވެނެޒުއޭލާގެ އިތުރުން ޖެހިގެން އޮންނަ ޗިލީގައި އެތައްހާސް ބަޔަކު ދަނީ އުފާފާޅު ކުރަމުންނެވެ.

ވެނެޒުއޭލާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓާއި މަޑޫރޯ އެއްވަރު ވުމުން، އިންތިހާބު ކާމިޔާބުވީ ކަމަށް ނިންމައި މަޑޫރޯ ވެރިކަން ދިފާއު ކުރިއެވެ. އަދި އިދިކޮޅު ލީޑަރާއި އޭނާގެ ޕާޓީގެ މީހުން ހިފާ ހައްޔަރުކޮށް ހެދިއެވެ.

އެމެރިކާއިން ބުނަނީ، މަޑޫރޯ ހައްޔަރު ކުރުމަށްފަހު ވެނެޒުއޭލާގެ ކަންކަމުގައި މިވަގުތު މުއާމަލާތު ކުރަމުން ގެންދަނީ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒާ ކަމަށެވެ.

ވެނެޒުއޭލާގެ އިދިކޮޅު ޕާޓީގެ ރައީސް މާރިއާ ކޮރީނާ މަޗަޑޯ ވަނީ، ވެރިކަން އިދިކޮޅު ޕާޓީއާ ހަވާލު ކުރުމަށް ގޮވާލައިފައެވެ.