ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނުގައި އެމެރިކާ ސިފައިން ދިން ކުއްލި ހަމަލާތަކުގައި ވެނެޒުއޭގެ 40 މީހަކު މަރުވެފައި ވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފިއެވެ.
މަޑޫރޯ ހުންނެވި ވެނެޒުއޭލާގެ ކަރަކަސް އަކީ ވަރުގަދައަށް ގާޑުކޮށް އެގައުމުގެ އަސްކަރިއްޔާއިން ބަލަހައްޓަމުން ދިޔަ ތަނެކެވެ. ނަމަވެސް އެމެރިކާގެ ސްޕެޝަލް ފޯސަލް (ޑެލްޓާ ފޯސް) އިން ކަރަކަސް އަށް ވަދެގަތުމަށްޓަކައި ކަރަކަސްގައި ގާއިމުވެ ތިބި ވެނެޒުއޭލާގެ ސިފައިންގެ މަގާމުތަކަށް ވައިގެ މަގުން ހަމަލާތައް ދިނެވެ. ވެރިރަށުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކޮށް އެމެރިކާއިން ބުނެފައި ވަނީ އެއީ ސިފައިންގެ މަގާމުތައް ކަމަށެވެ.
އެ ހަމަލާތަކުގެ ތެރޭގައި، ވައިގެ މަގުން އަސްކަރީ ހެލިކޮޕްޓަރުގައި ރިޔާސީ ގަނޑުވަރަށް ފައިބާ، މަޑޫރޯއާއި އަނބިކަނބަލުން ވަގަށް ނަގައިގެން ގެންދިޔައެވެ.
އެ ހަމަލާއަށް ފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޅި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެމެރިކާގެ ސިފައިންގެ މީހަކަށް ވެސް އަދި އުޅަނދެއްވެސް ހަލާކު ނުވެ ކަމަށެވެ. އަޕާޗޭ ހެލިކޮޕްޓަރުތަކުގެ ތެރެއިން އެކައްޗަށް ގެއްލުން ވި ކަމަށާއި ނަމަވެސް އެ އުޅަނދަށްވެސް އެނބުނީ އެމެރިކާގެ ބޭސްތަކަށް ނުދެވޭ ވަރެއް ނުވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސް އިން މިއަދު ރިޕޯޓު ކޮށްފައި ވާ ގޮތުގައި، އެ މައުލޫމާތަކީ، ވެނެޒުއޭލާގެ އޮފިޝަލެއްގެ ފަރާތުން ލިބިފައި ވާ މައުލޫމާތެވެ. އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނީ، އެމެރިކާއިން ދިން ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އާންމުން ދިރިއުޅޭ 3 ބުރީގެ އިމާރާތަކަށް އަމާޒުވި ކަމަށާއި މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ސިފައިން ހިމެނޭ ކަމަށެވެ.
ހަމަލާ އަމާޒުވި އިމާރާތަކީ، ކަރަކަސް އެއާޕޯޓާއި މޫދާ ކައިރީގައި ހުރި އިމާރާތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މަރުވި މީހުންގެ ތެރޭގައި 80 އަހަރުގެ އަންހެނެއް ކަމަށްވާ ރޮސާ ގޮންޒާލެޒް އާއި އޭނާގެ އާއިލާ ހިމެނޭ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އެމެރިކާގެ ނޫސްތަކުން މިވާހަކަ ރިޕޯޓު ކުރި ނަމަވެސް އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން ނުވަތަ އޭނާގެ ޓީމުގެ ފަރާތުން މިފަދަ އެއްވެސް ވާހަކައެއް އަދި ދައްކަވާފައެއް ނުވެއެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ އެމެރިކާއަށް އަދި މީހަކަށްވެސް އަދި އުޅަނދަކަށް ވެސް ގެއްލުމެއް ނުވެ ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.
މަޑޫރޯ މިވަގުތު އެމެރިކާގެ ބްރޯކްލީންގެ ކޯޓަކަށް ހާޒިރު ކޮށްފައި ވާ އިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއޭލާއަށް އާ ރައީސަކު އައްޔަން ކުރެވެންދެން އެގައުމު ހިންގާނީ އެމެރިކާއިން ކަމަށާއި އެގައުމުގެ ތެޔޮވަޅުތައްވެސް އެމެރިކާއިން އަތުލާނެ ކަމަށެވެ.
ވެނެޒުއޭލާއަށް އަރައިގަތުމަށް އެމެރިކާއިން ތައްޔާރުވަމުން ގެންދިޔައިރު، މަޑޫރޯ ވިދާޅުވަމުން ގެންދަވާފައި ވަނީ އެމެރިކާއިން އުޅެނީ ވެނެޒުއޭލާގެ ތެޔޮ ވަގަށް ނަގަން ކަމަށާއި އޭނާ ވެރިކަމުން ދުރުކުރަން ކަމަށެވެ.
