އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައިވެއެވެ. އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު
ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784
- ޖުމްހޫރީ ޕާޓީ: 12,343
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686
- ޢަދާލަތު ޕާޓީ: 8,267
- މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133
- ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012
- ދަ ޑިމޮކްރެޓްސް: 2,952
- މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 1,710
ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާ، ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ހިދުމަތެއްދިނުމުގެ ގޮތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުމާ، ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުމާ އަދި ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމަށް އަމަލުކުރަމުން ގެންދާ އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީއިން ރިކުއެސްޓް ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީވާނެ ކަމަަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން މިހާރު ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް އީސީން ބުނީ ކޮމިޝަނުގައި ދަފްތަރު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާ ނަމަ، ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ސިޔާސީ ޕާޓީގެ އިސްމަގާމުން ވަކިވުމަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
