ބީއެމްއެލް އިން ސްވައިޕްގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުގެ ކުރިން އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް ޓެސްޓިން މަރުހަލާ ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ޖެނުއަރީ 2026 އިން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ބޭންކުން ފަށާނެކަމަށާއި، މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތްވެސް ފެށިގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބޭންކުން މިހާރު މިދަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން. އޮކްޓޯބަރު މަހު ކާމިޔާބުކަމާއެކު މި ޚިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިންގ މަރުހަލާ ފެށި، 2026 ވަނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް އަޅުގަނޑުމެންގެ ޓީމުން މިދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްވައިޕްގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުން ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕް އަކީ ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.