ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ.
ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، ހާލިދާ ޒިއާ އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވާއިރު، އޭރު އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. ނަމަވެސް، ހާލިދާ ޒިއާއަށް ހިތުގެ މައްސަލަތަކާ، ކިޑްނީގެ މައްސަލަތަކާ، ހަކުރު ބައްޔާ، ފުއްޕާމޭގެ މައްސަލަތަކުގެ އިތުރަށް އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ހޯމަ ދުވަހު ހާލިދާ ޒިއާގެ ހާލުކޮޅު ސީރިއަސްވެ، ލައިފް ސަޕޯޓަށް ލާފައިވީ ނަމަވެސް އެ ކަމަނާއަށް ފަރުވާ ދެއްވި ޓީމުން ވަނީ އުމުރާއި ޖުމްލަ ސިއްހަތަށް ބަލާއިރު އެއްފަހަރާ އެތައް ފަރުވާއެއް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
1991 ވަނަ އަހަރު ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ވެރިއަކަށް ހާލިދާ ޒިއާ، ވެވަޑައިގަތީ އެގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގައެވެ. ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ހާލިދާ ޒިއާއަށް ކޮރަޕްޝަންގެ ދައުވާކޮށް 2018 ވަނަ އަހަރުވަނީ ޖަލަށްލާފައެވެ. އަދި ބޭސްފަރުވާއަށް އެހެން ގައުމަކަށް ވަޑައިގަތުންވެސް މަނާކޮށްފައިވާއިރު، އެކަމަނާ މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގައެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހާލިދާ ޒިއާ ވަނީ މީގެ ކުރިން، އިއުލާންކުރައްވާފައެވެ.
