ކ. ހުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހުރާގައި ބާއްވައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އާއި، ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން، 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒެއް ހަދާނެ ކަމަށާއި މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ ކަމަށެވެ. މި މަޝްރުއުގެ ދަށުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭސަނަރީ މަސައްކަތާއި، ޓައިލްސް ޖެހުމުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ދަވާދު ލުމާއި، ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އެއާ ކޮންޑިޝަން ހަރުކުރުމާއި، އަލިފާން ނިއްވުމާ ބެހޭ ސާމާނު ހަރުކުރުން ހިމެނެއެވެ.

މިއީ 27.23 މިލިއަން ރުފިޔާގެ 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

1380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ބިނާކުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމުމާއެކު، ހުރާއިން ލިބޭ ސިއްހީ ފަރުވާ ފުޅާވެ، ހުރާ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ސިއްހީ ކަންކަމަށް ފަރުވާކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ، ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނޭ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.