މާލެއިން ގޯއްޗާއިން ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި މާލެއިން ބޭރުގައި ދިރިއުޅުނަސް މާލޭގައި އުޅުނު ކަމަށް ބެލެވޭނެ ހާލަތްތައް އާންމު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނާ ގޮތުގައި، ފްލެޓާއި ގޯއްޗަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި އަމިއްލަ ނަމުގައި ގޯއްޗެއް/ފްލެޓެއް ނެތް މީހުންނަށެވެ. ހަމައެއާއެކު މާލޭގައި ދިރިއުޅުނު ކަން މެދުކެނޑިފައިވާ ކަމަށް ނުބެލެވޭނެ ހާލަތްތައް މި އުސޫލުގައި ބަޔާން ކޮށްފައެވެ.

މާލޭގައި ދިރިއުޅުނު ކަން މެދުކެނޑިފައިވާ ކަމަށް ނުބެލެވޭނެ ހާލަތްތައް:

  • ވަޒީފާ ދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
  • މާލެއިން ބޭރުގައި ހުރި މުއްދަތުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އާއިލާ، މާލެ ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅެމުން ދިއުން.
  • މާލެއިން ބޭރުގައި ހުރި މުއްދަތުގައި މާލެ ނުވަތަ މާލޭގެ ސަރަހައްދުގައި ދަރީންގެ ތައުލީމް ހާސިލް ކުރަމުން ދިއުން
  • މާލެއިން ބޭރުގައި ހުރި މުއްދަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ދިއުން
  • ތައުލީމު ހާސިލުކުރުމަށް، ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާ ހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައި ވަނީ މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިސަފައިވާ ފަރާތެއް ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމުލަ މުއްދަތު 15 އަހަރުވެފައިވާ ނަމަ، ބެލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު މީހެއް ކަމުގައެވެ.

މީގެ ކުރިން ވެސް މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރި އިރު އެމީހަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވާން ޝަރުތުގައި ހިމަނާފައިވީ ނަމަވެސް 15 އަހަރުގެ މުއްދަތު ގުނާ ގޮތް ތަފްސީލުކޮށްފައެއް ނުވެއެވެ. އެގޮތުން މީގެ ކުރިން ފްލެޓާއި ގޯއްޗަށް ފޯމް ލީ އިރު މިއީ ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދި އެންމެ ގިނަ ޝަކުވާ ލިބިފައިވާ މައްސަލައެއް ވެސް މެއެވެ.