ގަވައިދާ ހިލާފަށް ޕާކުކުރުމުން ޓޯކުރި 105 އުޅަނދެއް ދޫކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކޮށް ޕާކިން ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ޓޯކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފައިވާކަމަށާއި، މި އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިންގަނޑުތަކަށް ބެލުމަށްފަހުކަމަށެވެ.
އެގޮތުން އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނޫގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވާ ފަރާތްތަކުގެ އުޅަނދުތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުންގެ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކޮށްފައިވާކަމަށެވެ. އެގޮތުން ޖުމުލަ 787 އުޅަނދެއް ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ދިޔުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ނުގެންދާ އުޅަނދުތަކާ ގުޅޭގޮތުން އަމަލު ކުރަމުންދާ އުސޫލުގެތެރެއިން އަމަލު ކުރަމުންދާނެ ކަމަށް ވެއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިއުލާންކޮށް އުޅަނދާއި ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެއެވެ. އަދި އެ މުއްދަތު ތެރޭގައި ވެސް އުޅަނދު އަނބުރާ ނުގެންދާ ނަމަ ގާނޫނާއި ގަވާއިދުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.
