ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް، ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ވަނީ ފެނިފައެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއިން ފެނިފައި ވަނީ ހަޝިޝް އޮއިލް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 40 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. އޭގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އާފިޔާ / ހއ. ހޯރަފުށި، އަހްމަދު އަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުހައްމަދު އާދިލް (57އ) އެވެ.
މި ދެމީހުންގެ ތެރެއިން އަހްމަދު އަލީ ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވހު އަދި މުހައްމަދު އާދިލް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަސް ފުލުހުން ބުނެއެވެ.
