"ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި ކުރިމަތިލި 2256 މީހުންގެ ތެރެއިން 717 މީހުންގެ ލޯން އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ހިޔާވަހި ފައިނޭންސިންނަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށާއި އެއީ ބޭންކް މެދުވެރިކޮށް ދޭ ލޯނެއް ކަމަށެވެ.
ނަމަވެސް ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން އަމިއްލަ ގޯތީގައި އިމާރާތްކުރަން ދޭ ލޯނުގެ އަގު ކުޑަކޮށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިން 10 ޕަސެންޓުގައި ހުރި ލޯނު 5 ޕަސެންޓަށް ކުޑަކޮށްދީ އިކުއިޓީ ދެއްކުމަށް ވެސް ލުއިތަކެއް ވަނީ ސަރުކާރުން ދީފައެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތައް:
- ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާގެ ލޯން
- ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 3 މިލިއަން ރުފިޔާގެ ލޯން
- ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 6 މިލިއަން ރުފިޔާގެ ލޯން
މުއްތަލިބު ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގެ ދެވަނަ ބުރަށް ހުޅުވާލުމާއެކު މި ފަހަރު ވަނީ ޖުމްލަ 2256 ފަރާތެއް އެޕްލިކޭޝަން ހުށަހަޅާފައި ކަމަށެވެ. އޭގެތެރޭގައި ރަށްވެހި ހިޔާވެހި ސްކީމަށް އެދި 1،329 އެޕްލިކޭޝަން ހުށަހަޅާފައިވާ އިރު، ސަހަރު ހިޔާވަހި ސްކީމަށް އެދި 586 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަހިމާލެ ހިޔާވަހި ސްކީމަށް 341 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މި ސްކީމުގެ ދަށުން 717 ފަރާތަކަށް މިހާތަނަށް ލޯނު އެޕްރޫވްކޮށްފައި ވާއިރު އެއީ 821 މިލިއަން ރުފިޔާގެ ލޯނު ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ ބުރުގައި އަމާޒަކީ 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ލޯނު ސްކީމަކީ 5 ޕަސެންޓު އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމަކީ ސަރުކާރުން މިހާތަނަށް ރާއްޖެގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.
