ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް" ގެ ނަމަށް މިއަދު ބަދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ.
ހަމައެއާއެކު މި ބަދަލު ގެނެސްފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.
ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ، މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސާފައިވާ ނަންބަރު 453 ކަމަށް ރައީސް އޮފީހުން ބުނެއެވެ.
