ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތަކެތި ހަވާލުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ކަމަށެވެ.

މި ތަކެތި ހަވާލުކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26، ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކުރައްވައި، ކާރިސާތަކާއި ހާދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވާތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި އެހީއެއް ކަމަށާއި، ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރުގެ އިތުރުން ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު އަދި ފީލްޑް އޮޕަރޭޝަންސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ތަކެތީގެ އިތުރުން ސަޕޯޓް އިކުއިޕްމަންޓާއި، މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ)ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުންކަން ފާހަގަކޮށް ފުލުހުން ބުނީ ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް މި ތަކެތީގެ ސަބަބުން އިތުރު ކުރެވިގެންދާނެ ކަމަށެވެ.