ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޑޮކްޓޯރަލް ޑިގްރީގެ ޕްރޮގްރާމުތަކުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.
އެމްކިއުއޭއިން ބުނީ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް މިވަގުތު ލިޔެވިފައި ނެތް ނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާއިގުޅޭ މިންގަނޑެއް "ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު"ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަންފީޒުކުރުމަށް އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ވަނީ ނިންމާފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އެމްކިއުއޭއިން ބުނީ ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ އެމްއެންކިއުއެފް ގައިވާ ގޮތަށް މަދުވެގެން 3 އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ. އަދި ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ މަދުވެގެން ފުލް ޓައިމް މުއްދަތު 2 ގުނަ މުއްދަތައް ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާންވާނީ ފުލް ޓައިމް މުއްދަތުގެ 2 ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތަކަށް ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެއެވެ.
ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ގިނަ އަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމްއަކަށް ވާއިރު، ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހެއެވެ. އެކަމަށް އިޝާރަތްކޮށް އެމްކިއުއޭއިން ބުނީ ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާޓްޓައިމް އުސޫލުން ކިޔެވުމަށް އެމްކިއުއޭއިން ވަނީ އަންގާފައެވެ. ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ހާއްސަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ މިންގަނޑާއި އެއްގޮތަށް އަމަލުކުރުމަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
