ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލީ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް (27.9 މިލިއަން ރުފިޔާ) އަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ހުޅުވާލާފައިވަނީ އިއްޔެއެވެ.
އެމްއެމްބީސީއިން ބުނީ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ. އަދި މާލީ އެހީތެރިކަަމަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެމްއެމްބީސީއިން ވަނީ ބުނެފައެވެ.
ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ޕްރޮޕޯޒަލް މީޑިއާތަކުން ހުށަހަޅަމުންދާ ވަރަކަށް އެ ފަރާތްތަކަށް ލިބޭ ވަގުތީ މާކްސް ފެނިގެންދާނެ ކަމަށް އެމްއެމްބީސީއިން ބުނެފައިވެއެވެ. އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލް، ޕޯޓަލްގެ ތެރެއިން އިވެލުއޭޓްކޮށް ނިންމާ ފަހުން، ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތުވެސް އެ ފަރާތަކަށް ލިބިގެންދާނެކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީޑިއާއަކަށް ލިބޭ ޖުމްލަ މާކުހާއި ލިބޭ ޖުމްލަ ފައިސާގެ އަދަދު އާންމުކޮށް ފެންނަން ހުރުމާއެކު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅި ޕްރޮޕޯޒަލް އިވެލިއޭޓްކޮށް ނިމޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި އެ މީޑިއާތަކަށް ފައިސާ ދޫކުރުމަށްޓަކައި ޔޫތު މިނިސްޓްރީއަށް ފޮނުވޭނެއެވެ.
"2025 ވަަނަ އަހަރު މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު"ގެ ދަށުން މި އަހަރު ފައިސާ ދޫކުރަނީ 1 ޕޭމަންޓްގެ ގޮތުގައެވެ. އެ އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތަށް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ އެންމެ މުހިންމު މައިގަނޑު އެއް މިންގަޑަކީ 2024 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މީޑިއާއެއް ކަމުގައިވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުމެވެ.
މީގެއިތުރުން މާލީ އެހީތެރިކަން ލިބޭ މީޑިއާތައް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ އިތުރު މިންގަނޑުތަކަކީ އެ މީޑިއާއެއް ނުވަތަ މީޑިއާ ހައުސްއެއްގައި މަސަައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދާއި ހުށަހަޅާ ބިޒްނަސް ޕްލޭނާއި އަދި ކޮންޓެންޓާއި ބާވަތަށް ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މީޑިއާގެ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމްތަކަށްވެސް މާކްސް ދެވިގެންދާނެ ކަމަށް އެ އުސޫލުގައިވެއެވެ.
