އެކަނިވެރި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މަހަކު ދޭ އިނާޔަތް ބޮޑުކޮށް، ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދަށް މި އިސްލާހު ގެނައުމުގެ ކުރިން ދެމުން އައީ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާއެވެ.
މިއަދު ގެޒެޓު ކުރި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މާލީ އެހީއެއް ލިބޭނެއެވެ. އަދި އެއަށްވުރެ ކުދިންގެ އަދަދު އިތުރުވާނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ލިބޭނީ 1،000 ރުފިޔާއެވެ.
އެގޮތުން މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެވޭނީ 15،000 ރުފިޔާ ކަމަށް އެ އިސްލާހުގައިވެއެވެ. އަދި އަހަރެއްގެ މައްޗަށް އެންމެ ގިނަވެގެންދެވޭނީ 180،000 ރުފިޔާ ކަމަށް ވެސް އެ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދެމުންދާ އެލަވެންސް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓްގައި މިކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައިވާނެ ކަމަށެވެ. ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ވިދާޅުވެފައެވެ.
