އުންމީިދަކީ ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޓީމަށް ލިބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އުންމީދަކީ މިރޭ އޮންނަ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ހުރިހާ ރައްޔިތުން ތިބީ ދިވެހި ގައުމީ ޓީމާއެކު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިރޭ އޮންނަ ފައިނަލް މެޗުގައި ދިވެހިރާއްޖެ ވާދަކުރަނީ ކިރްގިސްތާނާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:40 ގައެވެ.

މިދިޔަ އަހަރުގެ ކާވާ ކަޕް ފައިނަލުގައިވެސް ވާދަކުރީ ދިވެހިރާއްޖެ އަދި ކިރްގިސްތާނެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-3 ސެޓުންނެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ކިރްގިސްތާނު 3-1 ސެޓުން ބަލިކޮށްފައެވެ.