"ޔަސާވާ ޕްރިންސެސް“ ސަފާރީގައި ތިބި 25 މީހުން ސަލާމަތްކޮށް، އެ ސަފާރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

ފުލުހުން ބުނީ އަލިފާން ރޯވިއިރު ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށް، މިހާރު ވ. އަތޮލޫ ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް“ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެން ފަތުރުވެރިންނާއި 3 ދިވެހިންގެ އިތުރުން 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު މީހެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ސަފާރީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވާނުލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.