ސްކޫލު ބަންދާއި އާ އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގައި ގްރޭޓާ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ފެށި މި އޮޕަރޭޝަން އަންނަ ޖަނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައެވެ.