ފަހަކަށް އައިސް ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވެއްޖެއެވެ.
ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާއިފް ވިދާޅުވީ ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން އެއާކާގޯ އާއި ސީކާގޯ މެދުވެރިކޮށް އަދި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާ ކަމަށެވެ.
މީގެ އިތުރުން ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިވެހިން ގާއިމުވެތިބެގެން ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އެ މީހުން ރާއްޖެ ގެނެސް، އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުއިއްތާކުގެ އެހީ ހޯދައިގެން އެ މީހުން އަތުލައިގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ނާއިފް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ ކަނޑުމަގުންނާ، ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަމާޒުކޮށްގެން ތަފާތު އެކި އޮޕަރޭޝަންތައް މި އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ފުލުހުން ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެވިފައިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 6,860 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާއިރު މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 193 މީހުން ހައްޔަރުކުރެވި، މަސްތުވާތަކެތި ބޭނުންކުރާ 1،130 ތަން ބަންދުކުރެވިފައިވެއެވެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރާކަތްތައް ހިންގާފައިވެއެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 166 ތަން ބަލައިފާސްކޮށް، އުޅަނދުފަހަރާއި ބޯޓުފަހަރު ބަލާ ފާސްކޮށްފައިވެއެވެ. އަދި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ރާވާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން، 39 ރަށެއްގައި 500 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޖުމުލަ 498.99 ކިލޯގްރާމުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު 871.24 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، ބަނގުރަލާ ގުޅުންހުރި 182 މައްސަލަ ރިކޯޑުކުރެވިފައިވާއިރު، ހިފެހެއްޓުނު ގަވާއިދާ ހިލާފު ހުރިހާ މާއްދާއެއްގެ ޖުމުލަ މަގުމަތީ އަގު 875.23 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
