މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު 1 ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މާލޭ ނޯތު ހާބަރު "އޭ ޒޯން" ގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު ވަނީ ޖެޓީ ނަމްބަރ 1 އަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށާއި، ވަގުތީ ގޮތުން މި ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި ޖެޓީ ނަމްބަރު 1ގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.

މީގެއިތުރުން މި ސަރަހައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި ސަރަހައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" ކިޔު ތަރުތީބުންކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި "ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނު މަގު - ފޭސް 2 ޕްރޮޖެކްޓް" ގެ މަސައްކަތް، މި މަހުގެ 8 އިން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސެގްމެންޓަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެވެ.