މިއަހަރުގެ ތެރޭ 490 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ކޮންފެރެންސެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ ކަނޑާއި އަދި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ.
މީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށާއި، މީގެއިތުރުން ވިޔަފާރި އިސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 30 ތަނެއް މާލެއިން ފާހަގަކުރެވިފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭ މިއަހަރު 11 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަކޮށް ފާތިހު ވިދާޅުވީ މާލޭގައި މަސްތުވާތަކެތި ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް ފާހަގަކުރެވިފައިވާކަމަށެވެ.
އިތުރަށް ފާތިހު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަންތަކުގައި ޓްރެފިކިންގެ މިންގަނޑަށް ފެތޭ 16024 މީހުންނާއި ސުވާލުކޮށްފައިވާކަމަށާއި،، އޭގެތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެއްވެސް ރަހުމެއް ނެތް ކަމަށާއި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މީގެކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް "ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވާ" ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
