ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފިއެވެ.

އެންއައިސީއިން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އެއީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަހުގީގެއް ކަމަށެވެ.

ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަވާޒް (25އ) ދިލާސާގެ / ތ.ހިރިލަންދޫއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުހައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް "ބެއާ"އެއް ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު ނަވާޒް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.