މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4،437،257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށާއި މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަ ދައްކައި އެއްބަސްވެ އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ފަސީހް ވިދާޅުވެއްޖެއެވެ.
މާލެ ޕޮލިސްގައި ހިމެނޭ ބަހާތަކުން ކުރަމުންދާ މަސައްކަތްތަކާއި އާ އަހަރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަސީހް ވިދާޅުވީ، މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހަޅައި، މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށެވެ.
މީގެ ތެރެއިން ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4،437،257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ފަސީހް ވިދާޅުވިއެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މާލެއާއި ބުރިޖު އަދި ހައިވޭ ހިމެނޭހެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ތަރުތީބުކޮށްފައިވާ ގޮތުން ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީ ކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނުއަލްކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުންގެންދާ ކަމަށް ފަސީހް ވިދާޅުވިއެވެ. ހަމައެއާއެކު ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އަދި ގިނަ ބަޔަކަށް އެކިވަރުގެ ތަކުލީފު އުފުލަންޖެހިފައިވާ މާލޭގެ ޕާކިން މައްސަލައަށް ތަސައްލީއެއް ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރު ތެރޭގައި ނަގައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ހޮސްޕިޓަލުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ރޭންޕުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި މިސްކިތްތަކާއި ދަރިވަރުން ސްކޫލަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަދުތަކުގެ އިތުރުން ކަފިހިހުރަސް މަތީގައި ޕާކުކޮށްފައި ހުންނަ އުޅަދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުންގެންދާ ކަމަށް އޒެނާ ވިދާޅުވިއެވެ. މި އަހަރު މިހާތަނަށް 7442 އުޅަނދު ވަނީ ނަގާފައެވެ. މީގެ ތެރެއިން ގާނޫގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވާން ނައުމުގެ ސަބަބުން، ދެފޮރުޅުލީ 899 އުޅަނދާއި، ހަތަރުފުރޮޅުލީ 106 އުޅަނދު އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ނައްތާލާފައިވެއެވެ.
ހަމައެހެންމެ، އެކްސިޑެންޓްތަކުގެ ތެރޭގައި ނުރައްކާތެރި 97 އެކްސިޑެންޓް ފާހަގަ ކުރެވިފައިވާ ކަމަށާއި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ކުށުގައި 156 މީހުންނާ މެދު ފިޔަވަޅުއަޅައި އަދި 30 ދުވަހުގެ މުއްދަތަށް އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފަސީހް ވިދާޅުވިއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދަށް ގެނެވުނު 2 ވަނަ އިސްލާހު ތަންފިޒުކުރަން ފެށުމާއެކު، ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުން މަދުވެފައިވާކަން ފާހަގަކުރައްވަމުން ފަސީހް ވިދާޅުވީ، 2024 ވަނަ އަހަރު ދެ ފުރޮޅުލީ 3079 އުޅަނދާއި، ހަތަރު ފުރޮޅުލީ 133 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށުގައި ހިފެހެއްޓިފައިވީ ނަމަވެސް މި އަހަރު ހިފެހައްޓާފައި ވަނީ ދެ ފުރޮޅުލީ 2737 އުޅަނދާއި، ހަތަރު ފުރޮޅުލީ 208 އުޅަނދު ކަމަށެވެ.
