މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ދޫކުރި މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފިއެވެ.

އަލީ އަންވަރުގެ މައްސަލަ ފުރަތަމަ އިސްތިއުނާފު ކުރުމުން، ހައިކޯޓަށް ބަލައި ނުގަންނަން ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދު ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ ކޯޓުން ބޭރުކުރުމުން ދައުލަތުން ވަނީ ދެވަނަ ފަހަރަށްވެސް މި މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އެ ހުށަހެޅުމާ ގުޅިގެން ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލައިގައި އެސިސްޓެންޓް ރަޖިސްޓްރާ ނިންމި ނިންމުން ބާތިލު ކޮށްފައެވެ.

އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މޭސްތިރިޔާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މަގާމުން ވަކިކޮށްފައެވެ.

އޭނާ މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުން ހިމެނޭއިރު، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 70 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި "އަލް ޝަބާން" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ، އޮކްޓޯބަރު 5، 2019 ވަނަ ދުވަހުގެ ރެއެވެ.

އެއޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރައެވެ.