ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަވާޒް (25އ) ދިލާސާގެ / ތ.ހިރިލަންދޫއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން މުހައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.